ސުޕްރީމް ކޯޓް

ރައީސް ވަކިކުރާ މާއްދާ: ރައްދުވާ ފަރާތެއް ނެތް ގޮތަށް ޝަރީއަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާއަށް އިސްލާހު ގެނައުމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް ޝަރީއަތަށް ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަަލައެއް ގޮތަށް ހުށަހަޅާފައިވާ މިމައްސަލަ ދައުލަތުގެ ފަރާތުން ބަންޑާރަނައިބް ސުޕްރީމް ކޯޓަށް ފުރަތަމަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހަށް ދައުވާ ރައްދުވާ ގޮތަށެވެ. ނަމަވެސް ފަހުން މިމައްސަލަ އެއްވެސް ފަރާތަކަށް ރައްދު ނުވާ ގޮތަށް ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނު 10:00 ޖެހިއިރު ފައްޓަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ ބަންޑާރަނައިބް އެ ބަދަލު ގެނައުމަށް ހުށަހެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

ޑރ. އަޒްމިރަލްދާގެ އިތުރުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވިދާޅުވި ގޮތުގައި މައްސަލަ ރައްދުވާ ފަރާތެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ އިއުތިރާޒެެއް އެކަމުގައި ނެތް ކަމަށް މަޖިލީހުން އެންގުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި މިއަދު ހިނގަމުން ދިޔަ ނަމަވެސް މަޖިލިސް ތަމްސީލް ކުރާނެ އެއްވެސް ބޭފުޅަކު ޝަރީއަތުގެ މަޖިލީހުގައި ނެތްކަން ފާހަގަކުރެވުނެވެ. އެކަމަކު ބަންޑާރަނައިބް އޮފީހުގެ ވަކީލުން ތިއްބެވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަނައިބް އޮފީހުގެ ވަކީލު މައިގަނޑު ގޮތެއްގައި ވިދާޅުވީ މަޖިލީހުން ހުސްވި މެންބަރުން ގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނީ ގާނޫނުއަސާސީން މަޖިލީހަށް ލިބިދޭ ބާރުގެ ބޭރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާއަށް އިސްލާހު ގެނައުމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަަލަ ނިމެންދެން އެ އިސްލާހަށް އަމަލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން އެ އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ. މި އިސްލާހަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅިގެން މެންބަރުން ވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އަށް ގެނައި އިސްލާހުތައް އުނިކޮށް މަޖިލީހުގެ ގަވާއިދުގެ 242-1 އަށް މާއްދާއެއް އިތުރުކުރަން އެ މާއްދާގައި ކުރީގެ އިސްލާހުތައް ހިމެނުމަށް ފާސްކޮށްފަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު މިހާރު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެ މެންބަރުން ނުލައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށްވެސް އާންމު ކޮމިޓީން މީގެކުރިން އޮތީ ފާސްކޮށްފަ އެވެ.

މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ގޮތުގެ އިސްލާހު ފާސްވެ އިއުލާންކުރުމުން އެމްޑީޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ އެހީތެރިކަމާ އެކު އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް 42 މެންބަރުން އެބަތިއްބެވި އެވެ.