ރާއްޖެއަށް އެތެރެކުރާ ދުންފަތާއި އޭގެ ބާވަތްތަކުން ނަގާ ޑިއުޓީ 200 ޕަސަންޓަށް ބޮޑުކުރުމަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ހުށަހެޅި އިސްލާހުގައި ވަނީ ސިނގިރޭޓާއި ބިޑި އަދި އީ-ސިނގިރޭޓާއި ވޭޕަށް ބޭނުންކުރާ ފްލޭވާ އަދި ކެމިކަލްތަކުން ޑިއުޓީ ބޮޑުކުރުމަށެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ބިޑިން 50 ޕަސަންޓު އަދި ކޮންމެ ސިނގިރޭޓާއި ބިޑިއަކުން އަށް ރުފިޔާގެ ޑިއުޓީ ނަގާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ވޭޕްއާއި އޭގެ ބައިތައް މަނާކުރަން ފަށާން ހަމަޖެހިފައިވަ ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރާ އެފަދަ ތަކެތިން ޑިއުޓީ ނަގާނީ ބޮޑުކޮށް ކަމަށެވެ.
މީގެއިތުރުން ހީޓަޑް ޓޯބޭކޯގެ އުފެއްދުންތަކުން 50 ޕަސަންޓާއި ކޮންމެ ސްޓިކަކުން އަށް ރުފިޔާގެ ޑިއުޓީ ނެގުމަށާއި އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތިން 200 ޕަސަންޓް ޑިއުޓީ ނެގުމަށް އިސްލާހު ވަނީ ހުށަހަޅާފަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހުށަހަޅާފައިވާ މި އިސްލާހުގެ ސަބަބުން ދައުލަތަށް އަންނަ އަހަރު 1.05 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.