ސުޕްރީމް ކޯޓް

ގޮނޑި ގެއްލޭ މައްސަލަ ބަލާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން، ރިޔާސަތުގަ އުއްތަމަ ފަނޑިޔާރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ ގޮތަށް ހަމަ ޖައްސައި، މައްސަލަ ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަލީ ހުސައިން އެވެ. މިމައްސަލަ އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވެފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަން ފަށަން ތާވަލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ ކަލަންޑަރުގައިވާ ގޮތުން މި މައްސަލަ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާއިރު، ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރެވެ. މައްސަލަ ފަށަން ތާވަލުކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހާއި އަދިވެސް އިތުރު ބައެއް އިސްލާހުތައް ހިމެނޭ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މަޖިލީހުން ބިލް ފާސްކުރި އެ ރޭ ތަސްދީގު ކުރައްވާފަ އެވެ. މި ހުރިހާ ކަމެއް ނިމިގެން ދިޔައީ ގާތްގަނޑަކަށް ހަތްގަޑިއިރުގެ ތެރޭގައެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 2007 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިއީ ގެނައި ހަވަނަ އިސްލާހެވެ.

ޝާހިދު ހުށަހެޅުއްވީ ގާނޫނުއަސާސީއަށް މައިގަނޑު ފަސް އިސްލާހެއް ގެނައުމަށެވެ.

އެންމެ މުހިއްމު އަދި އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވުނު ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކޮށްފައިވެ އެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައިގެން އިންތިހާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ދެވަނައަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ ތިންވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލެވެ. މި ބަދަލާއެކު، ރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަަށް ވަނީ ކަނޑައަޅާފަ އެވެ. މި އިސްލާހުގައި ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިސްލާހާ އެކު ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވެ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް މިމަހުގެ 20 ވަނަ ދުވަހު ގެނެވުނު އިސްލާހާ ގުޅިގެން އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. ނަމަވެސް އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެ އެވެ.

މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ގާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރުކުރުންވެސް ހިމެނެ އެވެ. މިގޮތުން ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.