ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތް އެހެން މާއްދާއެއްގައި ހިމަނައި ކުރީގެ އިސްލާހު ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް މަޖިލީހުގެ ގަވާއިދުން އެ މާއްދާތައް އުނިކޮށް އެ ވާހަކަތައް މަޖިލީހުގެ ގަވާއިދުގެ އެހެން މާއްދާއެއްގައި ހިމަނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އެ ކޮމިޓީން ވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ އުނިކުރަން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.

ނަމަވެސް އެ އިސްލާހުގައި މަޖިލީހުގެ ޖުމްލަ މެންބަރުން މި ލަފުޒަށް ދީފައިވާ މާނަކުރުމަކީ ގާނޫނުއަސާސިއާ ހިލާފު ނިންމުމެއް ކަމަށާއި އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް މަޖިލީހުގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް މިވަގުތު އަމަލުނުކުރުމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިމަހުގެ އަށްވަނަ ދުވަހު ވަނީ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުއްވާފަ އެވެ. އަދި މިމައްސަލައިގެ ޝަރީއަތް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ. އުނިކޮށް މަޖިލީހުގެ ގަވާއިދުގެ 242-1 އަށް މާއްދާއެއް އިތުރުކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެ ގޮތުން ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަމަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށް ބަޔާންކުރާ މާއްދާއެއް އިތުރުކުރަން ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަންވާނެ ކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ގާނޫނުގައި ބުނާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހޭނީ އާންމު އިންތިހާބާ ދެމެދު ހަޔަކަށްވުރެ ގިނަ މަސް ދުވަސް އޮވެއްޖެ ނަމަ އެކަންޏެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު މިހާރު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެ މެންބަރުން ނުލައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށްވެސް އާންމު ކޮމިޓީން މީގެކުރިން އޮތީ ފާސްކޮށްފަ އެވެ.

މިއިސްލާހު ފާސްވެ އިއުލާންކުރުމުން އެމްޑީޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ އެހީތެރިކަމާ އެކު އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. ޝިފާއު ހުށަހެޅި ގޮތަށް އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީގައި އެކަނިވެސް 42 މެންބަރުން އެބަތިއްބެވެ.