އެމްޑީޕީ

ތިން ވަޒީރަކަށް ރުހުން ނުދިން ސަބަބު އެމްޑީޕީން ސާފުކޮށްދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ތިން ވަޒީރަކަށް ރުހުން ނުދިން ސަބަބު އެމްޑީޕީން މިއަދު ސާފުކޮށްދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުންދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "މިސްރާބު ހަމަ މަގަށް" ކެމްޕޭނާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކެމްޕޭންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ ވަޒީރުންނަށް ރުހުން ނުދިން ސަބަބު ސާފުކޮށްދީފަ އެވެ.

"އަޅުގަނޑުމެން ކިހިނެތްތޯ ތި ވިދާޅުވާ ވަޒީރުންނަށް ރުހުން ދެނީ. އެއް ވަޒީރު އެ ހުންނެވީ ރައްޔިތުންގެ ގޯއްޗާއި ފްލެޓް ފޭރެން ފޫގަޅުއްވައިގެން ނިކުމެވަޑައިގެން އެ ހުންނެވީ. އަނެއް ވަޒީރު އެ ހުންނެވީ ރައްޔިތުންގެ މަޖިލިސް ގޮވައިގެން ކޯޓަަށް ވަޑައިގެން. އަނެއް ވަޒީރު އެ ހުންނެވީ އަމިއްލަ ހިއްސާ އޮތް ކުންފުނީގެ ހިއްސާ ދަރިންގެ މައްޗަށް ބަދަލުކޮށް އާއިލީ ކުންފުންޏަށް މިސްކިތްތައް ޕްރޮޖެކްޓްތައް ބަހާލައިގެން،" އީސާ ވިދާޅުވި އެވެ.

ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންގެ ހައިސިއްޔަތުން މަޖިލީހުގައި ތިބެ ވަޒީރުންނަށް ރުހުންދޭނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.

ރުހުން ނުދިން ވަޒީރުން މިއަދުވެސް ގޮން ޖައްސަވަމުން ގެންދަވާ ކަމަށް އީސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރުހުން ނުދިން ވަޒީރުން މިއަދުވެސް ނިކުމެ ވަޑައިގެން ވިދާޅުވަނީ ނުދޭނަމޭ ފްލެޓެއް. އަތުލާނަމޭ ގޯތި،" އީސާ ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ އެއްވެސް މީހަކަށް ދައުލަތުގެ ތެރޭގައި ބާރާއި މަގާމުތައް ދީގެން ނުތިބެވޭނެ ކަމަށާއި އެކަން ހުއްޓުވުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށްވެސް އޭނަ ވިދާޅުވި އެވެ.