މެންބަރު އިބްރާހީމް ފަލާހް

ގޯތިތައް ހިލޭ ބަހާލުމަކީ އެންމެ ބޮޑު ހިޔާނާތް: ފަލާހް

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަކީ ރާއްޖެގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ތުހުމަތުކުރައްވައިފި އެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔަވާހިކަމުގެ މަޝްރޫއާ ގުޅޭގޮތުން ފަލާހް މިއަދު ވާހަކަދައްކަވާފައި މިވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު މަޖިލީހަށް ވަޑައިގެން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންނަށް "ބުލީ" ކުރެއްވީ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ފަލާފް ވިދާޅުވީ ގޯތިދިނުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން ހިންގާފައިވަނީ ބޮޑު ހިޔާނާތެއް ކަމަށެވެ. އެގޮތުން ވިދާޅުވީ ހުޅުމާލެ އިން ހިލޭ ދޫކުރި ގޯތިތަކުގެ އަގަށް އެކަނިވެސް 5.4 ބިލިއަން ރުފިޔާ އަރާ ކަމަށެވެ.

ފަލާހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭނަމަ ހުރިހާ ރައްޔިތުންނާ މެދުވެސް އަމަލުކުރަން ވާނީ އެއްގޮތަށް ކަމަށެވެ. އެކަމަކު މާލޭގެ އެއް ބަޔަކަށް ހިލޭ ގޯތި ދީފައި އަނެއް ބަޔަކު ގޯތި ގަންނަން ހުޅުވާލުމަކީ އިންސާފެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް،" ފަލާހް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ދިރިއުޅެން ގޯތި ދޫކުރުމަކީ ބިން ދިނުން ކަމަށާއި އެކަމަކު ނިމިދިޔަ ސަރުކާރުން ގޯތި ދީފައި އޮތީ މޫދުން ކަމަށެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަޅުތައް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ހައްގުވާ ގޯތިތައް އަވަހަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ޝުޖާއު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުން ލަސްވާތީ އެމްޑީޕީގެ މެންބަރުން މިއަދު ކަންބޮޑުވާއިރު ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ހިއްކާފައި އޮތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުން ގޯތި ނުދީ އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

ނިމިދިޔަ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރަމުންދަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި މި 4،000 ފްލެޓް ލިބޭ މީހުން ކަމަށް ބުނެ އާންމުކުރި ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކެއް އުޅޭތީ އެކަން ހައްލުނުކޮށް ފްލެޓް ދޭނީ ކިހިނެއްތޯ ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ކިހިނެއްތޯ އަޅުގަނޑުމެން އެކަހަލަ ވައްކަން ކޮށްފައި އޮތް ލިސްޓަކަށް ފްލެޓް ދޭނީ،" ޝުޖާއު ވިދާޅުވި އެވެ.