ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވަނީ އިންސާފުވެރިކަމެއް ނެތް ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމުގެ ނިމިދިޔަ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނީ ބިން ހިއްކުމަކާ ނުލައި ކަނޑުން ކަމަށެވެ. އެގޮތަށް ދޫކުރި ގޯތި ތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކުރުން ލަސްވާ ކަމަށް ބުނެ އެމްޑީޕީ މެންބަރުން ކަންބޮޑުވުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"[އިންތިހާބުގައި ރައީސް ސޯލިހްގެ]ސަރުކާރަށް ލިބުނު މަދު ވޯޓުން އެނގުނީ ގޯތިތައް ދޫކުރީ އިންސާފުންކަން މާލޭގެ ރައްޔިތުންވެސް ގަބޫލު ނުކުރާ ކަން،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މެދުގައި އެއްވެސް އިންސާފެއް ނެތި ދޫކުރި ގޯތިތަކުގެ ސަބަބުން އިންސާފާއި ހަމަހަމަކަން ގެއްލި ދައުލަތަށް މަދުވެގެން 8 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ހުޅުމާލެ އިން ދޫކުރި ގޯތިތަކެއްގައި ކެފޭ ހަދައިގެން ހިންގަމުންދާ ކަމަށް ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ ހުޅުމާލޭގެ މުޅި މާސްޓާ ޕްލޭން ބަދަލުކޮށް ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ނަމުގައި ހުޅުމާލޭގެ މުޅި ބަނދަރު ހިއްކާލުމުން އޮޑިދޯނިފަހަރު ލަފާނެ ތަނެއް ވެސް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރި މައްސަލަ ހޫނުވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު މަޖިލީހަށް ވަޑައިގެން ދެއްވި ބައެއްް ޖަވާބުތަކާ ގުޅިގެންނެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ނިމިދިޔަ ސަރުކާރުން ބައެއް ގޯތިތައް ދޫކޮށްފައިވަނީ ކަނޑުން ކަމަށްވާތީ އެފަދަ ގޯތިތައް ހަވާލުކުރެވޭނެ ދުވަހެއް ދަންނަވަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކުރައްވާފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހަތަރު މެންބަރެއްގެ ނަން އިއްވާފަ އެވެ.