ރައްޔިތުންގެ މަޖިލިސް

ގުޅީފަޅުން ބިން ހަވާލުކުރެވޭނެ ދުވަހެއް ނޭނގޭ: ހައިދަރު

ގުޅީފަޅުން މީގެ ކުރިން ގޯތި ލިބުނު މީހުންގެ ގޯތީގެ އިން ވަކިކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގުޅީފަޅުން ބިން ހަވާލުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ގުޅީފަޅަކީ ތިލަމާލެ ބްރިޖު މަޝްރޫއަށް ބޭނުންކުރަމުންދާ ސައިޓެއްގެ އިތުރުން ގުޅީފަޅުގެ ބިން އެއްކޮށް ހިއްކާ ނުނިމޭކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.

"މިވަގުތު ގުޅީފަޅުގެ ބިން އަޅުގަނޑުމެންނަށް އެއްކޮށް ހިއްކާ ނުވެސް ނިންމޭ. އަނެއް ކަމަކަށް ގުޅީފަޅަކީ މިވަގުތު ބްރިޖު މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ސައިޓެއް،" ހައިދަރު ވިދާޅުވި އެވެ.

މިހާރު މައުލޫމާތު ލިބިފައިވާ ގޮތުން އެ ސައިޓް ހުސްކުރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ކަމަށާއި ބަރު ވެހިކަލްތައް ދުއްވުމުގެ ސަބަބުން ގުޅީފަޅުން ގޯތި ދޫކޮށް ޖެހި ކަންމުޑިތައްވެސް ހަލާކުވެފައިވާ މިނިސްޓަރު ވިދާޅުވި އެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

"(އެ މަސައްކަތް) ނިމޭނެ ވަކި ދުވަހެއްވެސް ވިދާޅެއް ނުވޭ،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

ގުޅީފަޅުން 85 ހެކްޓަރުގެ ބިން ހިއްކަންޖެހޭކަން މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910