ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް އަތުލަން ގޮވާލައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކަނޑުންނާއި ފަޅުން ދޫކުރި ގޯތިތައް އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ އާބަން ޑިވެލޮޕްމަންޓްގެ ބިލްގެ ބަހުސްގައި މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިމުން ވަކި ބަޔަކަށް ހިލޭ ބިން ދިނުން ގަބޫލުނުކުރައްވާ ކަމަށެވެ.

އައްބާސް ވިދާޅުވީ ވެލިދޫގެ ބިން ފުރުމުން އެ ރަށުގެ ފަޅު ތެރެއިން ގޯތި ނުދެވޭ ކަމަށެވެ. ވެލިދޫގެ ރައްޔިތުން ގެވަޅު ނަގަން ޖެހެނީ ކައިރި ރަށްރަށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަތަރުކަށި މަތި މާލެ މީހެއް ވެއްޖެއްޔާ މާލެ އަތޮޅުން ހިއްކާ ފަޅުންވެސް އެ މީހާއަށް ހިލޭތޯ ބިން ދޭންވަނީ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަޅުން ދީފައިވާ ގޯތިތަކަކީ އެ ގޯތިތައް އުފެދުނު ހިސާބުން ބާތިލު ގޯތިތަކެކެވެ.

"ގާނޫނާ ހިލާފަށް ދީފައިވާ ގޯތިތައް އަތުލައްވަންވީނުންތޯ. ކީއްކުރަންތޯ އެ ގޯތިތައް ދީފައިހުރީ ރަނގަޅަށް ކަމަށް ހަދައިވައިގެން އެ ހުރިހާ ގޯތިތައް ދޭން މި އުޅެނީ. ފަޅުން ގޯތިދޭ ވާހަކަ އޮތް ގާނޫނެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބުނު ކަމުގެ ލިޔުން ސަރުކާރުން ދީފައިވާ މީހުންނަށް އެ ފްލެޓްތައް ދިނުމަށްވެސް އައްބާސް ގޮވާލެއްވި އެވެ.