ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން މަސް ތެރޭގައި ގޯއްޗާއި ފްލެޓް ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް: ސޯލިހު

މި ސަރުކާރަށް މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ތިން މަސް ދުވަސް ތެރޭގައި ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ފަލާހުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ވަނީ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން އިތުރަށް ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ ގޯތިތަކާއި ފްލެޓްތައް ނުދޭން މި ސަރުކާރުން ބަހަނާ ދައްކަމުންދާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތިން މަސް ދުވަސްތެރޭގައި މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވިދާޅުވި ގޮތާއި ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކެމްޕެއިން ތެރޭގައި ވަރަށް ސާފުކޮށް ވިދާޅުވީ މާލޭގެ އެއްވެސް ރައްޔިތަކު އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލާކަށް ނުޖެހޭނޭ ގުޅީފަޅާއި ނޫނީ ގިރާވަރުފަޅު ނޫނީ ހުޅުމާލެ އިން ގޯއްޗެއް ހޯދާކަށް. އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.