ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންޓި-ޑިފެކްޝަން ބިލް ތަސްދީގުނުކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލް ތަސްދީގުނުކުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ކުރުމުގެ ގޮތުން ގއ. މާމެންދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެ ބިލް ހިފަހައްޓަވައިގެންނެވެ.

މިއީ އެފަދަ ގާނޫނަކަށް މުހިންމު ވަގުތެއްކަން ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ބިލް އަނބުރާ ފޮނުވާލެއްވިޔަސް އެމްޑީޕީން އެ ބިލް ފާސްކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރާ މެންބަރަކު އަމިއްލައަށް މެންބަރުން ކަމުން އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ.

އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތާއި އެހެން ޕާޓީއެއްގައި ދަފްތަރުވާ ހާލަތުގައި އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންވަރަކަށްވެއްޖެ ނަމަ ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މި ބިލްގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލް ހުށަހެޅިއިރު ރިކޯލް ވޯޓު ނެގޭ ގޮތަށް ބިލްގައި ހިމެނި ނަމަވެސް ކޮމިޓީން ވަނީ އެ މާއްދާ އުނިކޮށްފަ އެވެ.