ޑރ. މުހައްމަދު މުއިއްޒު

ވައުދުތައް ފުއްދަން 200 އަށްވުރެ ގިނަ ބިލް ފާސްކުރަންޖެހޭ: ރައީސް

މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަންޖެހޭ ކަމަށެވެ.

އެކަންކަން ކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބިމާ ބެހޭ ބިލާއި ބޯހިޔާވަހިކަމާ ބެހޭ ބިލްތައް ފަދަ މުހިންމު ބިލްތައް ހުރިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަންކަން ކުރެވޭސީ ސަރުކާރުގެ ވިސްނުމުގެ މެންބަރުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ.

"މި ކަންކަމެއް ނުވާނެ މި ވިސްނުމުގައި މިކަންކަން ކޮށްދިނުމުގެ ވިސްނުމުގައި ބަޔަކު ހިޔާރުނުކޮށްފިއްޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރު އިދިކޮޅު އެމްޑީޕީއަށް އޮތްއިރު އެ ޕާޓީގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކުރުމަށް އެދިވަޑައިގެންފަ އެވެ.