ފައްޔާޒް އިސްމާއީލް

ދެން އޮތީ މަޖިލިސް ކާމިޔާބުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުން: ފައްޔާޒު

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށްފަހު ދެން އޮތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބުކުރުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުން ފާހަގަކުރުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެ ކާމިޔާބީއަކީ އާ ފެށުމެއް އަދި އާ ހިތްވަރެއް ކަމަށެވެ.

"ކާމިޔާބާއެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން،" ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އިއްޔެ އިންތިހާބުގައި މާލޭގެ ރައްޔިތުން ސަރުކާރަށް ދިނީ މުހިންމު މެސެޖެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖައްސާނެ ކަމަށާއި އެގޮތުން އަތޮޅުތަކަށް އަންނަ ހަފުތާގައި ދަތުރުތައް ފަށާނެ ކަމަށެވެ.

އެ ގޮތުން ފުރަތަމަ ދަތުރު ރާވާފައިވަނީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މޭޔަރު ހޮވުމަށް އިއްޔެ ބޭއްވ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރެއްވި އާއިޝަތު އާޒިމާ ޝަކޫރަށް 5،031 ވޯޓު ލިބިވަޑައިގެންނެވިއިރު ދަ ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހް އަށް ލިބިވަޑައިގަތީ 2،343 ވޯޓެވެ.

މޭޔަރު އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގަތީ 125 ވޯޓެވެ.