ފައްޔާޒް އިސްމާއީލް

އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަންޖެހޭ: ފައްޔާޒް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އާއްމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް އެންމެ އިދިކޮޅު ޕާޓީ -- އެމްޑީޕީ އިން ގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިހާބު ރޯދަ ފަހުން ބޭއްވުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މާޗް 17 ވަނީ ރޯދަ މަހަށެވެ.

އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެ އެވެ.

މިފަދަ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތު ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އާންމުކުރަންޖެހޭނެ އެވެ.

މިއިސްލާހު ފާސްވިތާ ހަފްތާއެއްވީ އިރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއިސްލާހު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތައް ބާއްވަން ވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން ކަމަށެވެ. ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާން މަހު ބޭއްވުމުން ދަތިކުރެވެމުން އެދަނީ ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގުކުރަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް 381 ފޯމު ހުށަހެޅި ނަމަވެސް ޝަރުތު ހަމަވީ 372 ބޭފުޅެއްގެ ފޯމެވެ. ނަން ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ނަން ގެންގޮސްފައިވާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ލިބިފައިވަނީ 368 ބޭފުޅުންނަށެވެ. އެއީ 42 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.