އަބްދުއްރަހީމް އަބްދުﷲ

ފައްޔާޒު ހިތްވަރު ދެއްވީ ޓެރަރިޒަމަށް: އަބްދުއްރަހީމް

ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދެއްކެވުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް ދެއްކެވި ވާހަކައިގެ ވީޑިއޯކޮޅެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ މިއީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށާއި އެކަން ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއް. އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އަމީނަށް ހެދި ގޮތް ރައީސް މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދެއްކެވުމުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާ ވަނީ ބަހުސްކޮށްފަ އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.