ސަރުކާރަށްވުރެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕީޑް ބާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ މާ ބާރަށް ކަމަށާއި އެ ސްޕީޑްގައި ސަރުކާރު ނުހިނގާ ކަމަށެވެ.
"(ސަރުކާރަށް) ނުވަ މަސްވީއިރާ، ރައީސް (އަބްދުއްރަހީމް) ރިޔާސަތުގައި އިންނަވައިގެން ތިން މަސް ދުވަހު ކުރެއްވި މަސައްކަތާއި އެ ރިޔާސަތުގައި ނުވަ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތާ ނުބައްދަލު ރައީސް ވަރަށް ބާރު ސްޕީޑެއްގައި ތި ގެންދަވަނީ،" ހުސައިން ޒިޔާދު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ލިބުނީ ރޭގެ ވަގުތެއްގައިކަން ފާހަގަކުރައްވާ ހުސައިން ޒިޔާދު ވިދާޅުވީ މިއަދު ބަހުސްކުރަން އޮތް ބިލަށް ތައްޔާރުވާން ވަގުތުވެސް ނުލިބުނު ކަމަށެވެ.
"އިއްޒަތްތެރި ރައީސުން މަޖިލިސް މިހާރު ތިގެންދާ ސްޕީޑުން މި މަޖިލީހުގައި މިތިބި އިއްޒަތްތެރި ޒުވާން މެންބަރުންނަށް ފޮލޯ ކުރެވުނަސް އަޅުގަނޑަށް ތަންކޮޅެއް ދަތިވޭ އެ ސްޕީޑްގައި މަސައްކަތްކުރަން،" މަޖިލީހުގެ ހަތަރު ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ ޒިޔާދު ވިދާޅުވި އެވެ.