އަބްދުއްރަހީމް އަބްދުﷲ

ރިޔާސަތުގައި މި އިންނަނީ މިނިވަންކަމާއެކު، އެއްވެސް ހުރަހެއް ނެތް: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނަވަނީ މިނިވަންކަމާއެކު ކަމަށާއި އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވަނީ އަބްދުއްރަހީމްގެ ހާލުކޮޅާމެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ ހަމްދަރުދީވޭ އިއްޒަތްތެރި ރައީސްގެ ހާލުކޮޅާމެދުވެސް އަޅުގަނޑު ހަމްދަރުދީވޭ. އިއްޒަތްތެރި ރައީސް ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް..،" މީކާއީލް އެހެން ވިދާޅުވުމާއެކު އަބްދުއްރަހީމް ވަނީ އެ ވާހަކަ މެދުކަނޑާލައްވާފަ އެވެ.

މީކާއީލްގެ ވާހަކަ މެދުކަނޑާލައްވާ އަބްދުއްރަހީމް ވަނީ އެމަނިކުފާނުގެ ހާލުކޮޅު މެންބަރަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއްނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އެހެން ހާލަތެއް ވެސް އިނގޭތޯ. އެހެންވީމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ. އަޅުގަނޑު މި އިނީ ހަމަ މިނިވަންކަމާއެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިހާބުކޮށް ދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަކަށް އެއްވެސް ހުރަހެއް މިތާނގައި އެއްވެސް ކަމަކަށް ނެތް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމަށް "ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ މައިކު ބޭނުން ނުކުރެއްވުމަށް" ނަސޭހަތްތެރި ވެވަޑައިގެންފަ އެވެ.

ރައްދުގައި މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން އުޅޭ ކަމަށާއި އަބްދުއްރަހީމްގެ ހާލުކޮޅު މިއަދު ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

"އިއްޒަތްތެރި ރައީސްގެ ދަރިފުޅަށް ހަދާލި ގޮތާއި އާއިލާގެ ބޭބޭފުޅުންނަށް ހަދާލަމުންދާ ގޮތާއި، އަދި އިއްޒަތްތެރި ރައީސް މެދުވެރިކޮށް އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމުތަކަށް،،،" އެއާއެކު އަބްދުއްރަހީމް ވަނީ މީކާއިލްގެ ވާހަކަ އަނެއްކާވެސް މެދުކަނޑާލައްވާފަ އެވެ.

މީކާއީލްގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރިޕޯޓަށް ބަހުސްކުރެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345