ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ބިލްގައި ހުށަަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށްލުމަށެވެ.
މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ އަމަލެއް ކަމަށެވެ.
"މި ބިލް މަޖިލީހުން ފާސްވެގެން ގޮސްފިނަމަ، ގާނޫނުއަސާސީއިން އެކަށައަޅާފައި ތިން ބާރު ވަކިވެފައި އޮތުމުގެ ނިޒާމު ރޫޅި، ގާނޫނުއަސާސީ އެކަށައަޅާފައިވާ އެންމެހައި ހަމަތަކަށް ބުރޫއަރާ، މުޅި ދައުލަތުގެ އެންމެހައި ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެންދާނެ،" މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.
މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ސަބަބުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލިގެންދާ ދުވެލި ލަސްވެ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނުނިމި ދިގުލައިގެން ގޮސް، ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތަކުގައި އިންސާފާ ހަމައަށް ވާސިލުވުމުގައި އިތުރު ހުރަސްތަކާ ކުރިމަތިވާނެ ކަމަށެވެ.
ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔަރުންގެ މަސައްކަތަށް ހުރަސްއަޅައި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލައި، ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ފާސްކުރާ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރެވޭ ގާނޫނަކަށް ވެގެންދާނެ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ބިލް ފާސްކުރުމުގެ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައެއް ކަމަށާއި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށެވެ.