ސުޕްރީމް ކޯޓް

ރައީސް ވަކިކުރަން ގެނައި އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

Feb 8, 2024

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދު މިދިޔަ އަހަރު އިސްލާހުކޮށް ފާސްކޮށްފައިވަނީ ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގައި މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުގުނާ ގޮތަށެވެ.

ދައުލަތުން ވަނީ އެ އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުލަތުން ތުހުމަތުކުރާނަމަ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަންޖެހޭ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އަޣުލަނިއްޔަތުން ނެރުއްވި އަމުރުގައި ވަނީ މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެއް ކަމަށެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ ޖުމްލަ މެންބަރުންގެ އަދަދު ފާސްވާންޖެހޭ މައްސަލައެއް މިވަގުތު މަޖިލީހުގައި ނެތުމެވެ. އަދި ދައުލަތުން މި މައްސަލަ ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށް ރައުޔުގައިވެ އެވެ.

މި އަމުރު ނެރެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި އެމްޑީޕީން ވަނީ މިދިޔަ ޖެނުއަރީ މަހު ހަމަކޮށްފަ އެވެ.