ރައްޔިތުންގެ މަޖިލިސް

އެމްޑީޕީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއް: އަޒާން

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދަންޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ޕާޓީއެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމަށްފަހު ހިނގި ކަންކަން އަޒާން ފާހަގަކުރެއްވި އެވެ.

"އެ ބޭފުޅުން މުޒާހަރާތަކުގައި ދައްކާފައިވާ ވާހަކަތައް. އަޅުގަނޑުމެންގެ އެކިއެކި ސިޔާސީ ލީޑަރުން ދަންޖައްސާ މަރަން އެމީހުން ގޮވާފައި އެބަހުރި. އަދި ހަމަ ދެ ދުވަސްވަރު ދިވެހިރާއްޖޭގެ އެތައް ތަނެއްގައި ޓެރަރިޒަމްގެ އެތައް އަމަލުތަކެއް ހިންގާ ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ގޮތަށް އެތައް ކަންތައްތަކެއް ކޮށްފަ އޮތް އެކަހަލަ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއް އެމްޑީޕީއަކީ،" އަޒާން ވިދާޅުވި އެވެ.

ރައީސް އަމީނަށް ހެދި ގޮތް ރައީސް މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ޖަލްސާއެއްގައި ދެއްކި ވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވަނީ ދިފާއު ކުރައްވާފަ އެވެ.

މިކަމުގައި އެމްޑީޕީން ދައްކާ ވާހަކަތައް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް އަޒާން ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ އިސްވެރިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް ތަހުގީގު ހިންގަންޖެހޭ ކަމަށާއި ފުލުހުންވެސް ތަހުގީގު ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ކުރަން އުޅޭ ކަމެއް ބަލަންޖެހޭ ކަމަށާއި އޭގެ ކުރިން ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާއިރު އެފަދަ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކަށްފަހު މާޒީގައިވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.