ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދަންޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ދެއްކި ވާހަކަ ތަހުގީގުކުރުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެ ހުށަހަޅައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް އެއް މެންބަރު ވޯޓު ދެއްވި އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މުފީދު ވިދާޅުވީ ރައީސް މުއިއްޒަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިންގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނިމޭނެ ހާލަތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމުގައި ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ ކަމަށް މުފީދު ވިދާޅުވި އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަދަންޖެހޭނީ އަމީނަށް ހެދި ގޮތްކަމުގައި ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި އަދި އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ ދައްކާފައިވާ ވާހަކަތަކެއް،" މުފީދު ވިދާޅުވި އެވެ.
މުފީދު ވިދާޅުވީ މިއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށެވެ.
މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.
މި ކުއްލި މައްސަލަ ހުށަހެޅިއިރު ހދ. ކުޅުދުއްފުށީގައި މިދިޔަ ހަފްތާގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދެއްކި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ އަނިޔާކޮށް އަވަހާރަކޮށްލި ހާދިސާ ސިފަކޮށް އެގޮތް ރައީސް މުއިއްޒަށްވެސް ހަދަންވީ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އެމްޑީޕީއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ފައްޔާޒު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ އެ ވާހަކަތައް ދިފާއުކުރައްވާފަ އެވެ.
އެގޮތުން ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ އެ ވާހަކަ ދެއްކި މީހާ އެ ވާހަކަ ދެއްކީ ރައީސް މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.