ޑރ. މުހައްމަދު މުއިއްޒު

ޑްރަގާއި ގޭންގްތައް ހުއްޓުވަން ދެ ބިލެއް މަޖިލީހަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރަސްމިއްޔާތެއްގައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމަށާއި ގޭންގް ކުށްތައް ހުއްޓުވުމަށް ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި އާ ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަަކަށް ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910