މޯލްޑިވްސް ޕޮލިސް ސާވިސް

ޒަރީރަށް ހަމަލާދިނުމުގެ ކުށުގައި ދެ މީހުން ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.

ފުލުހުން މިއަދު މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

ޒަރީރަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ބޯ ފަޅާލާފައިވާތީ ބޮލުގައި ބޭސް އަޅައިގެން ހޮސްޕިޓަލްގައި އިންނެވި ފޮޓޯތަކެއް އެ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދައުރުވި އެވެ.