ސްކޭމްތައް ހުއްޓުވަން އެކައުންޓްގައިވާ ފައިސާ ހިފަހައްޓަން ފުލުހުންނަށް އަމުރު ނެރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
މި ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލް މަޖިލީހަށް ތައާރަފުކުރުމެވެ.
މެންބަރު މުހައްމަދު އިބްރާހީމް އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއަކީ އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކަންކަން ބަޔާންކޮށްފައިވާ މާއްދާ އެވެ.
ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) މިހާރު އޮތް ގޮތުން ގާނޫނުގެ 72 ވަނަ މާއްދާ (ބޭންކް އެކައުންޓް މޮނިޓަކުރުން)ގެ ދަށުން ނެރޭ މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާނަމަ އެ އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އެދެވިދާނެ އެވެ.
އެ މާއްދާއަށް ހުށަހެޅި އިސްލާހުގައިވާ ބޭންކް އެކައުންޓް މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ނުވަތަ މަކާރާއި ހީލަތުން ނުވަތަ ސްކޭމްއަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ފާހަގަވާނަމަ އަދި އެކަމަށް ބާރުދޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އެ އެކައުންޓްގައިވާ ފައިސާ އާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އެދެވިދާނެ އެވެ.
މި ގޮތުން ކޯޓު އަމުރަކަށް އެދޭ ހާލަތުގައި ކޯޓު އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި އެކައުންޓުގެ ވެރިފަރާތް ނުވަތަ ތިންވަނަ ފަރާތެއް ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެކައުންޓްގައިވާ ފައިސާ ނުވަތަ ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތަށް ނެރެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
އެފަދަ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައިވެ އެވެ.
އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓް ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އަންގަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓްތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވަނީ ބުނެފަ އެވެ.