އާދަމް ޝަރީފު އުމަރު

އާދަމް ޝަރީފްގެ ބޮޑު ތުހުމަތެއް މެންބަރުންނާއި ފުލުހުންނަށް!

ޑްރަގް ވިޔަފާރި ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި ބައެއް ފުލުހުންވެސް ހަރަކާތްތެރިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އަވަސްއާ މިއަދު ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޑްރަގް ވިޔަފާރި ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި ބައެއް ފުލުހުން ހަރަކާތްތެރިވާ ކަމަށް ވަރަށް ގިނަ އާންމު ރައްޔިތުންވެސް ގަބޫލުކުރައްވާ ކަމަށެވެ.

ކުރައްވާ ތުހުމަތުގައި ހެކި ހުރިތޯ އެހުމުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނަކީ ކޮން ބައެއް ކަމާއި އެމީހުން އެކަން ކުރާކަން އެއީ އެންމެނަށްވެސް އެނގޭ ހަގީގަތްތައް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ މީހުން އެކަންކަން ކުރަނީ ހެކި އަތުނުޖެހޭ ގޮތަށް ވަރަށް ބޮޑަށް ރާވައިގެން ކަމުގައިވެސް ވިދާޅުވި އެެވެ.

"މިހާރުގެ ޑްރަގު ކޭސްތަކުގައި އެކަމުގެ ތެރޭގައި އުޅޭ މީހާވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކޮންމެވެސް އިޖުރައާތެއް ފުރިހަމަ ނުކޮށްގެންނޭ ކިޔާފައެއް ނޫންތޯ ދޫކޮށްލަނީ،" މަސްތުވާތަކެތީގެ ބޮޑުން ދޫވާތީ އެކަމަށް ހިތްހަމަޖެހިވަޑައިނުގެން އާދަމް ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ މީގެ ކުރިން ވައިގެ މަގުން ރާއްޖެއަށް ޑްރަގު އެތެރެ ކުރަމުންދިޔައިރު އެކަން ނުހުއްޓުވުނީ ވަކި ހިސާބަކުން އެތަކެއްޗަށް ވާގޮތް ނޭނގި އެތަކެތި އެތެރެ ކުރެވޭ ގޮތް ރަނގަޅަށް ނުބެލޭތީ ކަމަށެވެ. ނަމަވެސް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބޮޑެތި ކޮންޓެއިނަރު ތަކުގައި މިހާރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރުކުރެވެނީ ދައުލަތުގެ ހުރިހާ މަރުހަލާއެއްގައި އެކަންކަންކަމުގައި ބައިވެރިވާ ބަޔަކު އުޅޭތީ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑްރަގު މައްސަލަތަކަށް ހައްލެއް ނުހޯދެނީ އެކަމަށް ބޭނުންވާ ގާނޫނުތަކެއް ނެތިގެން ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އޮތް ހާލަތުން މަޖިލިސް ތެރެއިން ގާނޫނެއް އިސްލާހު ކުރަންޖެހޭނަމަ މަޖިލީހުން އެކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އޮންނަ ކަމުގައިވެސް ވިދާޅުވި އެވެ.

"މަޖީލީހަށް ބިލް ހުށަހަޅަނީ ސަރުކާރުގެ ފަރާތުން. މައްސަލައެއް ހައްލުކުރުމަށް އަޅުގަނޑުމެން އާންމު ފަރުދުން ބިލް ހުށަހެޅީމަ އެނގިލައްވާން ކަންވާ ގޮތް. އަޅުގަނޑު ވެސް ގައުމީ ސަލާމަތާ ބެހޭ ބިލް ހުށަހެޅުމުން ރިޖެކްޓް ކޮށްލީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނު ތަކުގައި ހުންނަ ލޫޕްހޯލްތައް ބޭނުންކޮށްގެން ގާނޫނު ތަކުން ރެކެވޭ ގޮތަށް ކުރެވޭ ކަންކަން ހުއްޓުވަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.