ފައްޔާޒް އިސްމާއީލް

ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ވަނީ ގެއްލުން: ފައްޔާޒް

ރާއްޖެ އާއި ޗައިނާއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން -- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ސަބަބުން ރާއްޖެއަށް ވާނީ ގެއްލުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"ހަވަރު ބެރު" ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވިދާޅުވި ގޮތުގައި އެފްޓީއޭގެ ފައިދާ ލިބޭނީ ޗައިނާއަށެވެ.

ރާއްޖެއަކީ އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެފްޓީއޭއާއެކު ޗައިނާގެ މުދަލުން ޑިއުޓީ ނުނަގާނެތީ މުދާ ގެނައުމުގައި ދިވެހި ވިޔަފާރިވެރިން ޗައިނާއަށް އެކަނި ބަރޯސާވާން މަޖުބޫރުވާނެ ކަމަށެވެ.

"ޗައިނާއަށް އަޅުގަނޑުމެން މަސް ބޭރު ކުރަންށޭ ކިޔާފައި އެފްޓީއޭއެއް ހަދާއިރުގައި ޗައިނާގެ އެތައް ހާސް މުދަލެއް ޑިއުޓީ ނުނަގައި ރާއްޖެއަށް ވެއްދޭ ގޮތް ހެދުމުން ޑިއުޓީވެސް އަޅުގަނޑުމެންނަށް ގެއްލެނީ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިވެރިން ޒަމާނުއްސުރެ އުފައްދާފައި ހުރި ވިޔަފާރީގެ ގުޅުންތައްވެސް އެފްޓީއޭގެ ސަބަބުން ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ޗައިނާ އާއި ރާއްޖޭގެ އެފްޓީއޭއަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިވަން ދުވަހުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.