ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖޭގެ ބިޔަ މަޝްރޫއުތަކަށް ޗައިނާގެ އެހީ ހޯދަނީ

ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިޔަ ބޮޑެތި މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން ހުޅުވާލައިފި އެވެ.

ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ފުށިދިއްގަރު ފަޅު -- ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނޭ ގޮތަށް ބައެއް މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން ހުޅުވާލާފަ އެވެ.

އެގޮތުން މި ފޯރަމްގައި ވަނީ މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާއި އިހަވަންދިއްޕޮޅު އިންޓަގްރޭޓެޑް މަޝްރޫއުގެ އިތުރު 15 އެއާޕޯޓް ހެދުމުގެ މަޝްރޫއަށް ހުޅުވާލާފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން -- އެސްއީޒެޑް ފުޅާކުރުމަށާއި އިޔާދަކުރަނިވި ހަކަތަގެ މަޝްރޫއުތަކާއި ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކަށްވެސް ވަނީ މި ފޯރަމްގައި ހުޅުވާލި އެވެ.

މީގެ އިތުރުން ގދ. ތިނަދޫ-ކާޑެއްދޫ ގުޅާލުމުގެ މަޝްރޫއާއި އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުއަށްވެސް ވަނީ ހުޅުވާލާފަ އެވެ.

ފޯރަމްގައި މި މަޝްރޫއުތަކުގެ ތަފުސީލުތައް ވަނީ ދީފަ އެވެ.