ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނާ އިންސްޕެކްޓް ކޮށްދެއްވި އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގް ލީއުޔަން މި ހަފުތާގެ ބުދަ ދުވަހު ހާއްސަ ރަސްމިއްޔާތެއް ބޭއްވެވި އެވެ.
މި ދަތުރުފުޅުގައި ހިމެނިގެން ރައީސް މުއިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ އެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިންވެސްޓް މޯލްޑިވްސް ފޯރަމް ބޭއްވެވި އެވެ. މި ފޯރަމްގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިޔަ ބޮޑެތި މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން ހުޅުވާލި އެވެ.