ރަސްމާލެ

ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް

މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު -- ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން 30،000 ހައުސިން ޔުނިޓް އިމާރާތްކުރަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު އިއްޔެގައި ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރިއިރު އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ރަސްމާލޭގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ޗައިނާއިން ދޭނެ އެހީތަކާ ގުޅޭ ވާހަކަތައް ފަހުން ހާމަކުރާނެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވަނީ ރަސްމާލެ މަޝްރޫއު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން ހުޅުވާލާފަ އެވެ.

ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެއިން ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް ރަސްމާލެއިން 65،000 ހައުސިން ޔުނިޓް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.