ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އުފަން ދުވަހު ތަހުނިޔާ ވިދާޅުވެ ޗައިނާގެ ރައީސް ޝީ ޖިންޕިން ހާއްސަ ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ޝީގެ ސިޓީފުޅު މިއަދު ރައީސް މުއިއްޒުގެ އަތްޕުޅަށް އެރުވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިން މިއަދު މުލިއާގޭގައި ރައީސް މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިއްތިފާގުން މިއަދަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެސް އުފަން ދުވަހެވެ. އަދި މިއަދު މިއީ ރައީސް މުއިއްޒުގެ 46 ވަނަ އުފަން ދުވަހެވެ.
ޝީގެ ސިޓީފުޅުގައި ވަނީ ރައީސް މުއިއްޒަށް އުފަން ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިއްމު ކަން ފާހަގަކުރައްވާފައިވެ އެވެ. ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް އިތުރަށް ހަރުދަނާކުރައްވައި އަދި ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަގުބަލެއް ގާއިމުކުރުމުގެ ޝައުގުވެރިކަން މި ސިޓީފުޅުގައި ޝީ ފާޅުކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ސަފީރުގެ އަތްޕުޅުން މިސިޓީފުޅު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މިފަދަ ސިޓީފުޅެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވެސް ވަނީ މިއަދަކީ ޝީގެ އުފަން ދުވަސް ކަމަށްވާތީ ސިޓީފުޅެއް ލިޔުއްވައި، އެ ސިޓީފުޅު ޝީއަށް ރައްދުކޮށްދެއްވުމަށް ޗައިނާގެ ސަފީރާ ހަވާލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލުވެސް ބަދަލުކުރެއްވި އެވެ.
މީގެ އިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ދެ ބޭފުޅުންވެސް ވިދާޅުވުމަށްފަހު އެވެ.