ޑރ. މުހައްމަދު މުއިއްޒު

ރައީސް ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާގެ ބެއިޖިންގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިމަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީހީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އަރުވާފައިވެ އެވެ. އަދި ރައީސްގެ ދެކަނބަލުން މިއުޒިއަމް ބައްލަވައިލެއްވި އެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވި އެވެ.

މިފޮތުގައި ސޮއިކުރައްވާ ރައީސް މުއިއްޒު ލިއުއްވި މެސެޖުގައި މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީހާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފުސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވި އެވެ. އަދި ތާރީހުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެ ގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ހައްގު މަސައްކަތްތަކެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ މިއަދު ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ޗައިނާ ދަތުރުފުޅު ފެއްޓެވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.