އެމްޑީޕީ

އެމްޑީޕީ އިން ސަރުކާރަށް: ޖަލްސާއަށް ހުރަހެއް ނޭޅޭނެ

އިދިކޮޅު އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި" މާދަމާ ރޭ ބާއްވާ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށް ބުނެ އެ ޕާޓީން ސަރުކާރަށް ގޮންޖަހައިފި އެވެ.

މާލޭގެ ކާނިވާ ސްޓޭޖުގައި މާދަމާ ރޭ ބާއްވާ މިޖަލްސާއަށް އެމްޑީޕީ އިން ގެންދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިޖަލްސާއަށް އަތޮޅު ތެރެއިން ވެސް ބައެއް މީހުން މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

މިޖަލްސާއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރަށް ނުކުރޭނެ ކަމަށެވެ. ޖަލްސާ އަށް ހުރަސް އަޅައިފިނަމަ މަގުމައްޗަށް ނިކުންނާނެ ކަމުގެ އިންޒާރުވެސް ފައްޔާޒު ވަނީ ދެއްވާފަ އެވެ.

"ޖަލްސާ ބާއްވަން ހުރަހެއް ނާޅާނެ. ނުކެރޭނެ އެނގޭތޯ. ސަތޭކަ ޕަސަންޓް ޔަގީން އަޅުގަނޑުމެން ކާނިވާ ސަރަހައްދުގައި އެ ބާއްވާ ޖަލްސާއަށް ހުރަހެއް އަޅާކަށް ނުކެރޭނެ. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" ސަރުކާރަށް ގޮންޖަހަމުން ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލްސާއަށް ހުރަސްއަޅައިފިނަމަ މަގުމައްޗަށް ނިކުންނާނީ އެއީ ގާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާތީ ކަަމަށެވެ. އެމްޑީޕީގެ މެންބަރުން މަގުތަކަށް ނެރެން ބޭނުންވާނަމަ ޖަލްސާއަށް ހުރަސް އަޅަންވީ ކަމަށްވެސް ވިދާޅުވި އެވެ. '

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވަކި އުސޫލުތަކެއްގެ ތެރެއިން އަދި ރޭވުންތަކަކާ އެކު ސިޔާސީ ހަރަކާތް ހިންގާ ބައެއް ކަމަށެވެ. މާދަމާ ރޭގެ ޖަލްސާއަކީ ވެސް އެގޮތަށް އުސޫލުތަކެއްގެ ތެރެއިން ކުރިއަށް ގެންދާ ޖަލްސާ އަކަށްވާތީ އެ ޖަލްސާ ގުޅުވައި އެއްވެސް މީހަކު ހައްޔަރުކުރަން ނުޖެހޭނެ ކަމަށެވެ.

ސަރުކާރަށް އެއް އަހަރު ދީގެން އެމްޑީޕީ އިން މަޑުން ތިބިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ސަރުކާރުން ރަނގަޅު ކުރަންވީ ކަންކަން އެތައް ފަހަރަކު އެތަށް ގޮތަކަށް ސަރުކާރަށް ބުނެދެވިއްޖެ ކަމަށާއި އެކަމަކު އަޑު ނޭހި ކަމަށެވެ.

އެހެންވީމާ އަޅުގަނޑުމެންނަށް މަޖުބޫރުވޭ އެބަ އަޅުގަނޑުމެންގެ ޕިޗް ހައިކޮށްލަން. އަޑު ބާރުކޮށްލަން. އެހެންވީމާ އެގޮތުން އަޅުގަނޑުމެން ކުރާ ކަމެއް މާދަމާގެ ރޭގެ ޖަލްސާއަކީ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ފައްޔާޒު ވަނީ ސަރުކާރުން އަނިޔާވެރި ނުވުމަށްވެސް ގޮވާލާފަ އެވެ. ސަރުކާރަކުން ރައްޔިތުންނަށް އަނިޔާވެރިވާނަމަ އެ މަގުން ހިނގުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި ދިވެހި ތާރީހުގެ ފޮތްތަކުން ފެންނަނީ އެ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.