އެމްޑީޕީ

އެމްޑީޕީއާއި ޑިމޮކްރެޓުން އެއްބައިވެ ސަރުކާރު ސައިޒްކޮށްލަނީ

ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅު ޕާޓީތަކެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އެއްބަސްވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އަކީ މިދިޔަ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ކައިރިވެފައި ވަނިކޮށް އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންކޮޅެއް އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ. ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާފަ އެވެ. ވޯޓުގެ ނަތީޖާތަކަށް ބަލާ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަތީ ޑިމޮކްރެޓްސް އިން ރައީސް ސޯލިހާ ދެކޮޅަށް ނިކުތުމުންނެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާ، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ވަރަށް ބޮޑަށް ސިޔާސީ މަގާމުތައް އިތުރުވެ މަތި ބަރުވަމުންދާ މަންޒަރު ފެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ހަސަން ވިދާޅުވީ ގައުމުގެ ހާލަތު ހުރި ގޮތުން ސިޔާސީ މަގާމުތައް އެހާ ބޮޑަށް އިތުރު ނުކޮށް މަތި ބަރު ނޫން ސަރުކާރެއް ހިންގަން ގާނޫނަކުން ލާޒިމް ކުރަންޖެހޭ ކަމަށާއި އެމްޑީޕީއާ އެކު އެކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ހަސަން ވަނީ މިސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވަމުންދާ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ދިވެހިންނަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތް. ބޮޑު ބާރަކާއި ރާއްޖޭގެ ސިޔާސަތު ޖެހޭގޮތަށް އަދި ޖެހިގަންނަ ގޮތަށް ބައްޓަން ކުރަމުންދާތީ އަދި އެގޮތަށް އަމަލު ކުރަމުންދާތީ،" ހަސަން ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެނަމަ ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ވަރަށް ގިނަ ހައްގުތައް ހިފަހައްޓާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެެވެ.

"އަޅުގަނޑުމެން މިނިންމީ ކަންކަން މޮނީޓާކޮށް ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމަ އެއާއެކު މި ގައުމުގެ ޑިމޮކްރެޓިކް މުސްތަގްބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއާއި ޑިމޮކްރެޓުންގެ އިސް ބޭފުޅުން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ކޮންޓްރޯލެއް އޮންނަންޖެހޭނެ ކަމަށް ފެންނާތީ އެކަމަށް ހައްލެއް ގެނައުމަށާއި އަދި ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހަޅައި ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.