ޑރ. މުހައްމަދު މުއިއްޒު

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ތައްޔާރު: ރައީސް

ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އަށް ވީހާވެސް އަވަހަށް އަމަލުކުރަން ފަށަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވާ ރައީސް މުއިއްޒު ވިދާޅުވީ ޗައިނާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

"ފްރީ ޓްރޭޑް އެގްރީމެންޓްގެ އަމާޒަކީ ދެގައުމުގެ ވިޔަފާރި އަދި އިންވެސްޓްމަންޓްތައް ކުރި އެރުވުން. ހާއްސަކޮށް ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން އިތުރުކުރުމަކީ އިސްކަންދޭ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ޓްރާންސްޝިޕްމަންޓާއި ރީއެކްސްޕޯޓަށް ހާއްސަކޮށް ދާދި ފަހުން އުފެއްދެވި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ސަބަބުން އިގުތިސާދަށް ކުރާނެ ފައިދާތައް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ފުށިދިއްގަރު ފަޅު -- ރަސްމާލެއިން 1،000 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫއާއެކު 325،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމީ، ޑިސެމްބަރު 2014ގަ އެވެ.