ޗައިނާ

ރާއްޖެއަށް އެހީވުމުގައި ދެމި ތިބޭނަން: ޗައިނާ ސަފީރު

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާ އަބަދުވެސް ދެމި އޮންނާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަން ލީޝިން ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ، ކުޑަ ޤައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވި ގޮތުގައި އެ ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.

ސަފީރު ވަނީ ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވާ އެވެ. އެގޮތުން ސިނަމާލެ ބްރިޖާއި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވި އެ ގުޅުމުގެ ތެރެއިން ތަރައްގީގެ އިތުރު މަޝްރޫއުތައް ރޭވިފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ.