ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން: ސޯލިހް

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެމްޑީޕީން އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވުމަކީ ދައުލަތަށް ބުރައެއް ކަމަށެވެ.

"ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން، ވަކިވަރެއްގައި ހިފެހެއްޓުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހް ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ. މި އިސްލާހު ބޭރުކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލުތަކާއި މެންބަރުން އިންތިހާބު ކުރެވޭ ގޮތް ބަދަލުކުރުމަށް އޭގެ ފަހުންވެސް ގާނޫނުއަސާސީއަށް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

މި އިސްލާހުތައް ހުށަހެޅުއްވީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް އާޒިމް ހުށަހެޅުއްވި އިސްލާހު

  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށްވުރެ ގިނަނަމަ ފަސް މެންބަރުން

މީގެ ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް (ރ) އަދި (ބ) އިތުރުކުރަން ވަނީ ހުށަހަޅުއްވާފަ އެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރުމަށާއި އެކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެ ކަމަށް އާޒިމްގެ އިސްލާހުގައިވެ އެވެ.

ގާނޫނުއަސާސީއަށް އާޒިމް މި އިސްލާހު ހުށަހަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.