އިބްރާހިމް ޝުޖާއު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރާ: ޝުޖާއު

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ އަދަދު 700 އަށް ނާރާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށްވުރެ އިތުރު ކަމަށެވެ.

"ސާދަ ސަތޭކައަށްވުރެ ގިނަ ސިޔާސީ މަގާމުތައް އެމްޑީޕީ ވެރިކަމުގައި އުފައްދާފައި އޮތް. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ 700 އަށް ނޭރުވުން. ނާރުވަން. އަރުވާފަ ނޯންނާނެ. 700 އަށްވުރެ މަދުވާނެ އެއަށްވުރެވެސް މަދުކުރެވޭތޯ މި އުޅެނީ،" ޝުޖާއު ވިދާޅުވި އެވެ.

ބިލްގެ ބަހުސްގައި އެމްޑީޕީ މެންބަރުން ޕީޕީއެމްގެ ކުރީގެ ސަރުކާރާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް ޝުޖާއު ވަނީ ރައްދު ދެއްވާފަ އެވެ.

ޝުޖާއު ވިދާޅުވީ 2013 އިން 2018 އަށް ޕީޕީއެމްގެ ވެރިކަމުގައި ނަގާފައިވާ ދަރަނިން ކުރި މަސައްކަތްތައް ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށެވެ.

އެ ގޮތުން ސިނަމާލެ ބްރިޖާއި އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާ ޝުޖާއު ވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

"އޭރު ކުރެވުނު ކަންތައްތައް އެބަހުއްޓޭ ފެންނަން. އެހެން ނަމަވެސް 2018 އިން 2023 އަށް ނެގި 120 ބިލިއަން ރުފިޔާއިން ކޮން ކަމެއްހޭ ކުރީ އަޅުގަނޑުމެން މި ދަންނަވަނީ،" ޝުޖާއު ވިދާޅުވި އެވެ.