ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ފްލެޓް ލިސްޓް "އޮޅާލާނެ": ސޯލިހް

ސަރުކާރު ހިންގާ ޕާޓީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރީގެ ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ލިސްޓް "އޮޅާލާނެ" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިން ފްލެޓްތައް އަދިވެސް ހަވާލު ނުކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް މިއަދު ކުޑަކުޑަ މެޖޯރިޓީއެއް އޮތްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ މެޖޯރިޓީ ނެތްނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު ލިސްޓަށް ފްލެޓްތައް ބައްސަވާލައްވާނެ ކަމަށެވެ.

"(މަޖިލީހުގައި) މިއަދު ކުޑަކުޑަ މެޖޯރިޓީއެއް އެބަ އޮތް. ނެތްނަމަ ރައީސް ޑރ. މުއިއްޒު އެބޭފުޅާގެ އަމިއްލަ ލިސްޓަށް އެ ބަހާލާ ނިންމާލާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ފްލެޓްގެ ކަންކަން ވަރަށް ހާމަކަމާއެކު ނިމިފައިވާ ކަމަށާއި ފްލެޓް ލިބިފައިވާކަމުގެ ސަރުކާރުގެ ލިޔުމެއް އެއްވެސް މީހަކަށް ލިބިފައިވާނަމަ ފްލެޓާއި ގޯތި ދޭނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް ހަފުތާއެއް ނުވެ ވާހަކަ ބަދަލުވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

މެޖޯރިޓީ ލިބިއްޖެއާ ހަމަ ޔަގީން އޮޅާލާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.