ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމުގެ މިސްރާބު ހަމަމަގުން ނައްޓާލައިފި: ސޯލިހު

ގައުމުގެ މިސްރާބު ހަމަމަގުން ނައްޓާލައިފައިވާ ކަމަށާއި މިސްރާބު ހަމަމަގަށް އެޅުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް އެމްޑީޕީން ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ހާލަތު އެންމެންނަށް އިހުސާސް ކުރެވޭ ކަމަށާއި ބަލަން ތިބެވެން ނެތް ކަމަށެވެ.

"ބަލަން ތިބެވޭކަށް ނެތް. މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފި. ދޮގު ހަދައިފި އޮޅުވާލައިފި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ބަދަލު ނުކޮށްފިނަމަ ރައްޔިތުންނަށް އޮޅުވާލަމުން ދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން އެއް ވިސްނުމެއްގައި އިންތިހާބު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން މިފްކޯ އެސްޓީއޯއިން ވަކިކުރުން ރަނގަޅު ނޫން ކަމަށާއި އެސްޓީއޯގެ ދަށުގައި އޮތް ނަމަ މަސްވެރިންނަށް ފައިސާ ދޭނެ ގޮތް ހޯދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.