ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިއަށް އޮތީ ނާމާން ބަނަ ދުވަސްތަކެއް: ރައީސް ސޯލިހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަނިޔާވެރިވާނެތީވެ އެކަމަށް ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެެ.

އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި" ކާނިވާ ސަރަހައްދުގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށެވެ. އެފަދަ ވެރިކަމެއްގައި ރައްޔިތުންނަށް އަނިޔާވެެރިވާނެ ކަމަށާއި އެހެންކަމުން ވަގުތުން ވަގުތަށް މިސަރުކާރު ޒިންމާދާރުކުރުވުމަށް ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް ގޮވާލެއްވި އެވެ.

"ކުރިމަތިން ފެންނަމުންދާ ވިލާގަނޑުން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާންް ދުވަސްތަކެއް. ދަތި އުނދަގޫ ދުވަސްތަކެއް. މިކަމާ ދޭތެރޭގައި މިހާރުން މިހާރަށް އަޅުގަނޑުމެން މަސައްކަތްތަކެއް ނުކޮށްފިނަމަ އަނިޔާވެރި ދުވަސްތަކަކަކާ އަޅުގަނޑުމެން އަނެއްކާވެސް ކުރިމަތިލާން ޖެހިދާނެ،،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އެއް އަހަރުގެ ތެރޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވުނު ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން މިއަހަރުގެ ދައުލަތުގެ ބަޖެޓް ހުސްކޮށްލާފައިވާ ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ ބަޖެޓްގައި ހުރި ފައިސާ އިން ކުރީ ކޮން ކަމެއްތޯ ސުވާލުވެސް އުފައްދަވާފަ އެވެ.

ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަކިން ހާއްސަކޮށް އެމްޑީޕީގެ އާންމު މެންބަރުން ކުރި މަސައްކަތް މާޒީގެ އެކި ހާދިސާތަކުގެ ތެރެއިން ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ މިހާރު އޮތް ގޮތަށް ލިޔުމަށް ކުރި މަސައްކަތް އެމަނިކުފާނު ވަކިން ބޮޑަށް ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައިވަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި" މިހެންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ގާނޫނުއަސާސީގައި އެ މާއްދާ ފުރަތަމަ ލިޔުނުއިރު އެ މާއްދާގެ ފަހު ބައި ނެތް ކަމަށާއި އެ މާއްދާއަށް ފަހު ބައި އިތުރުކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީ އިން އެގޮތަށް އެ މާއްދާ ލިޔުނީ ވެރިކަމުގެ ހުރިހާ ބާރެއް އޮންނަންޖެހޭނީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އެ ޕާޓީން ގަބޫލުކުރާތީ ކަމަށެވެ. '

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ނިކުމެ ރައްޔިތުންނަށް ކަށަވަރުކޮށްދިން އަސާސީ ހައްގުތަކާއި މިނިވަންކަން މިއަދު ނިގުޅައިގަތުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ހައްގުތަކުގެ ދިފާއުގައި ފަސްޖެހުމެއް ނެތި ނިކުތުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.