ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުން އުޅެނީ ކުރީގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން: ސޯލިހް

ސަރުކާރަށް ފާޑުކިޔާ މީހުންނަށް އަދަބު ދިނުމުގެ ސަގާފަތް އަލުން އިއާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

‏ރައީސް ސޯލިހް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މާދަމާ މެންދުރުފަހު 1:30 ގައި އޭނާ ފުލުހަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

ރައީސް ސޯލިހްގެ ޕޯސްޓްގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ޝާފިއު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ މިރޭ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

"މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ ޕޯސްޓަށް ރައްދު ދެމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވަނީ ޝާފިއު ފުލުހަށް ހާޒިރުކުރަން ނިންމި ސަބަބު ސާފު ކޮށްދެއްވާފަ އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ޝާފިއުގެ ޕޯސްޓުގައި "މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި"އޭ ބުނެފައިވަނީ ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްގެ މަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް ކަަމަށެވެ.

"[އެހެން] އޮތުމުން އެކަމުގެ ތަފްސީލް ހޯދައި މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވަނީ މާދަމާ އެހެން މީހަކު އެފަދަ އިބާރާތެއް ފައްޔާޒަށް ނިސްބަތްކޮށް ނުވަތަ ދޭހަވާ ގޮތަށް ބުނެފިނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލައި އަޅާނުލާ ތިބެންވީތޯއޭ ވިދާޅުވެ ސުވާލުވެސް ކުރައްވާފަ އެވެ.

"ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް،" އިހްސާން ވިދާޅުވި އެވެ.