ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުން ދޫކޮށްލީ އެންމެ 86 ގައިދީން: ރައީސް

މިސަރުކާރުން މި އަހަރުގެ މިހާތަނަށް ދޫކޮށްލީ އެންމެ 86 ގައިދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މީގެކުރިން އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓް ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެތައް ކަމެއް ހިނގައި މަގުމަތީގެ ހަމަޖެހުން ގެއްލިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުށްވެރިން ޖަލުން ދޫކޮށްލި އަދަދުތަކެއްވެސް ހިއްސާކުރައްވާފަ އެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން އެ އަހަރުގެ ތެރޭގައި 429 ގައިދީން ދޫކޮށްލި އެވެ. އޭގެ ކުރިން 2022 ވަނަ އަހަރު 256 މީހުން ދޫކޮށްލި ކަމަށާއި 2021 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން 458 މީހުން ދޫކޮށްލި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް 762 މީހުން އެމްޑީޕީގެ ސަރުކާރުގައި ދޫކޮށްލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހިއްސާކުރެއްވި ތަފާސްހިސާބުގައި 2020 ވަނަ އަހަރު ދޫކޮށްލި ގައިދީންގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ހިއްސާކުރެއްވި ތަފާސްހިސާބު

  • 2019 - 762 ގައިދީން ދޫކޮށްލި
  • 2021 - 458 ގައިދީން ދޫކޮށްލި
  • 2022 - 256 ގައިދީން ދޫކޮށްލި
  • 2023 - 429 ގައިދީން ދޫކޮށްލި

ރައީސް ވިދާޅުވީ މިސަރުކާރުން ސިޔާސީ ވިސްނުމެއްގައި ޖަލުގައި ތިބި ގައިދީން ބޭނުން ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި އަހަރު އޮތް ނަމަވެސް ސިޔާސީ ވިސްނުމެއްގައި މި ސަރުކާރުން ބަޔަކު މަގުމައްޗަށް ދޫކޮށްފައި ނުވާކަން ތަފާސްހިސާބުން އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މި ނިމޭ އަހަރު، މި އަހަރު ނިމިގެން މިދަނީ މި ނިމުނު އަހަރު ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ކްލެމެންސީގެ ތެރެއިން ވިޔަސް އަދި ގާނޫނުގައި އޮންނަ ފުރުސަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ލުއިގެ ތެރެއިން ވިޔަސް ޖުމްލަކޮށް އަދަބު ލުއިކޮށްދީ ނޫނިއްޔާ ދޫކޮށްލާފައިވަނީ ޖުމްލަ 86 މީހުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ކެބިނެޓުން ދާދި ފަހުން ވަނީ ޖަލުގައި ތިބޭ ގައިދީންނަށް ރިހިބިލިޓޭޓް ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ނިންމާފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ވިސްނުމެއް އިސްކޮށްގެން ބަދަލުހިފަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.