ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭނަމަ ފްލެޓާއި ގޯތިތައް ހަވާލުކޮށްދީ: ސޯލިހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭނަމަ އެމްޑީޕީގެ ސަރުކާރުން ހަދަން ފަށާފައި ހުރި ފްލެޓްތަކާއި ދޫކޮށްފައިވާ ގޯތިތައް މިހާރުން މިހާރަށް ރައްޔިތުންނާ ހަވާލުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީ އިން މިއަދު ކުޅުދުއްފުށީގައި ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ދޫކުރަން ހުރި ފްލެޓްތަކާއި ގޯތިތައް ނުދީ މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ދެނީ ކޮން ފަދަ އަނިޔާއެއްތޯއޭ ވިދާޅުވެ ރައީސް ސޯލިހް ވަނީ މިސަރުކާރުގެ އިހްލާސްތެރިކަމާ ދޭތެރޭ ސުވާލު އުފައްދަވާފަ އެވެ.

"އެންމެ ގާފޮއްޗެއްވެސް [މިސަރުކާރަށް] އެއް އަހަރު ވެގެން ދިޔައިރު ބޭންދިއްޖެތޯ؟ އެއްވެސް ކޮންޓްރެކްޓެއްގައި ސޮއި ކުރެވިއްޖެތޯ؟ ހަމައެކަނި ކުރެވުނު ކަމަކީ އަޅުގަނޑުމެން ފަށާފައި ހުރި 4،000 ފްލެޓްގެ ތެރެއިން ނިމުނު 700 ފްލެޓާ ހަވާލުވުމުގެ ލިޔުމާ ހަވާލުވެވަޑައިގަތުން. އެ ނޫން އެއް ކަމެއްވެސް އަދި ނުކުރޭ،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް މާލެ ސަރަހައްދުން އިތުރަށް ހިއްކަންޖެހޭނަމަ އެކަން ކޮށްގެންވެސް އަވަހަށް ގޯތިތައް ދޭންޖެހޭ ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި އުތުރު ތިލަފަޅުވެސް ހިއްކައިގެން ގޯތި ދޭން ނިންމާފައި ވަނިކޮށް މިސަރުކާރުން ވަނީ އެ ތަނުް ހިއްކުމަށްފަހު ގޯތި ދިނުމުގެ ބަދަލުގައި އެތަނުގައި ދަނޑުވެރިކަމުގެ އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ނިންމާފަ އެވެ. ނަމަވެސް ރައީސް ސޯލިހް މިއަދު ވިދާޅުވީ އެއީ ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި ގޯތި ދޫކުރާ ތަނަކަށް ހަދަންޖެހޭ ކަަމަށެވެ.

"ފުށިދިއްގަރުފަޅު އެއީ ލެގަސީއަކަށް ހަދަން ބޭނުންފުޅު ކަމަށްވަންޔާ ފަސް އަހަރު އެބައޮތް. އެކަން ކުރެވިދާނެ ފަހުން ހެޔޮހިތުން މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދެން ބޭނުން ކަމަށްވަންޔާ ކޮށްދޭންވީ ކަމަކީ އެއީ،" ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅުގައި ރަސްމާލެ ނަމުގައި ތަރައްގީކުރަން ނިންމާފައިވާ ސިޓީއަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިއީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ވެރިކަމާ ހަވާލުވެ އޮތް ސަރުކާރެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިންވެރިޔާ ސްކީމުގެ ނަމުގައި ގޯއްޗާއި ފްލެޓް ދިނުމުގެ ބޮޑު މަޝްރޫއެއް ފަށާފަ އެވެ. މިމަޝްރޫއުގެ ދަށުން ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުން ގޯތި ދިނުމަށްޓަކައި ބައެއް ސަރަހައްދުތައް ހިއްކުމުގެ މަސައްކަތްވެސް ފެށި އެވެ. އަދި ގޯތި ލިބޭ މީހުންނަށް އެކަމުގެ ލިޔުންވެސް ރައީސް ސޯލިހްގެ ވެރިކަމުގައި ހަވާލުކޮށްފައިވެ އެވެ.