ވެރިކަމުގެ ފަސް އަހަރު ނިމޭއިރު މާލެ ސަރަހައްދުގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މާލޭގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދަށް އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފުށިދިއްގަރު ފަޅު -- ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅިފަޅުގެ އިތުރުން ގިރާވަރުފަޅު ހިއްކައިގެން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ ކަމަށެވެ.
"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަބަދުވެސް ދޭކަމެއް. ހަމަ ޔަގީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް އަޅުގަނޑުމެންގެ މި ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރީގައި މިދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައާއި އެކީގައި ޖާގައިން އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެންދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް." ރައީސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލައަށް އިސްކަން ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއްވެސް ބޭކާރުކޮށް ނުލައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.