ޑރ. މުހައްމަދު މުއިއްޒު

ރަސްމާލެ އާއި ގުޅިފަޅު ތަރައްގީކުރަން ޗައިނާއާއެކު އެއްބަސްވެއްޖެ

އަސާސީ ހިދުމަތްތައް ގާއިމުކޮށް ރަސްމާލެ އާއި ގުޅިފަޅު ތަރައްގީކުރަން ޗައިނާއާއެކު އެއްބަސްވެއްޖެ އެވެ.

ރަސްމާލެ އާއި ގުޅިފަޅު ތަރައްގީކުރަން ޗައިނާއާއެކު އެއްބަސްވެފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާތަކަށް ދެއްވި ބަޔާނުގަ އެވެ.

"ރަސްމާލެއާއި ގުޅިފަޅު ޑިޒައިން ކުރުމާއި، ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ކަރަންޓްގެ ނިޒާމު، ފެނުގެ ނިޒާމު، ނަރުދަމާގެ ނިޒާމު، ޑީ-ވޯޓަރިން ނިޒާމު، ފަޔާ ނިޒާމު، ގޭސް ނެޓްވާކް އަދި މަގު ހެދުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެވުނު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ގާއިމުކުރަން އެއްބަސްވުން ހެދިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދީގެންނެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ސީއެމްސީސީއަށް ބިން ދެނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާއިރު ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭން ވަނީ ނިންމާފަ އެވެ.