ޑރ. އަލީ ހައިދަރު އަހުމަދު

ހުޅުމާލެ ފޭސް ތިނެއްގެ ގޯތިތައް ނޮވެމްބަރު މަހު ދޭން ފަށަނީ

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތައް މި އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތި ދޫކުރީ ފަޅުންނާއި ކަނޑުން ކަމަށެވެ.

އެ ގޮތުން ކުރީގެ ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 699 ގޯތި ބެހީ ފަޅުން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

"ފޭސް ތިނެއް ހިއްކާ ނިންމާ ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު ހާތަނުގަ،" ހައިދަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރިިއިރު ކުންފުނީގެ މަސައްކަތައް ސާމާނު ބަހައްޓާ ސައިޓްތަކުންނާއި ބައެއް މަގުތަކާއި ގޯޅިތަކުން އަދި ކަރަންޓު ނަރުތަކާއި ކަރަންޓު ފޮށިތައް ގޯތިތެރެއަށްވާ ގޮތަށް ގޯތި ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަންކަން ހައްލުކޮށް ފަސްފުނިތައް ނަގައި ކަރަންޓު ފޮށިތައް ދުރުކޮށް ބިން ސާފުކޮށް ރައްޔިތުންނާ ގޯތި ހަވާލުކުރެވޭ ގޮތަށް ގޯތި ދޭންޖެހޭ ގޮތަށް ހުރުމާއެކު ފޭސް ދެއަކުން ދޭންޖެހޭ 1،407 ގޯތީގެ ތެރެއިން 623 ގޯތި މިހާރުވެސް ވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފަ،" ހައިދަރު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ގޯތި މި އަހަރުުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.