ޑރ. އަލީ ހައިދަރު އަހުމަދު

މިނިސްޓަރު ހައިދަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތެއް ނުވި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް އާއިލީ ކަމެއް ދިމާވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރެވޭ ގޮތެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. ހައިދަރާ ސުވާލުކުރެއްވުން އެޖެންޑާކޮށްފައި އޮތެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނިސްޓަރު ހައިދަރަށް ދިމާވީ ކުއްލި އާއިލީ މައްސަލައަކާ ގުޅިގެން މަޖިލީހަށް މިއަދު ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި މަޖިލިސް އިދާރާއަށް އަންގަވާފައިވާ ކަމަށެވެ.

މިނިސްޓަރާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އޭނާގެ ސުވާލުގައި ވަނީ ގުޅީފަޅުން ބިން ލިބުނު މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ދުވަހަކާއި މާލޭ މީހުންނަށް ނިމިދިޔަ ސަރުކާރުގައި ދޫކުރި ގޯތިތައް ހަވާލުކުރެވޭނެ ދުވަހާއި އަދި ހުޅުމާލެ އިން ދޭން ނިންމާފައިވާ 4،000 ފްލެޓް ހަވާލުކުރެވޭނެ ދުވަހެއް އޮޅުންފިލުއްވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މަޖިލީހަށް ހާޒިރުވުމަށް އެންގުމުން މީގެކުރިންވެސް މިނިސްޓަރު ހައިދަރަށް އެކި ކަންކަން ދިމާވެ މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވެ އެވެ.