ރައްޔިތުންގެ މަޖިލިސް

ތިން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީއަށް

ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

މަޖިލީހުން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެފަހުން ރައީސްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރާށެވެ. އެހެންވެ 19 ވަނަ މަޖިލީހުގެ ދައުރު ނިންމާލީ ތިން ބޭފުޅުން ރުހުން ދިނުމަށް ވޯޓަށް ނާހަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު -- މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް 19 ވަނަ މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިންއިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދީފަ އެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.