އަހުމަދު އުޝާމް

ޖޭއެސްސީ އިސްލާހުކުރަނީ ވައުދެއް ފުއްދީމޭ ބުނަން: އުޝާމު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލް މަޖިލީހުން ފާސްކުރި ނަަމަވެސް ޖޭއެސްސީއަށް އޮތް ސިޔާސީ ނުފޫޒު ކުޑަވެ ޝަރުއީ ދާއިރާ މިނިވަންވެގެން ނުދާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން އިއްޔެ ވަނީ ޖޭއެސްސީ އިސްލާހުކުރުމަށް ގާނޫނުއަސާސީއަށް ހުށަހަޅަންޖެހޭ އިސްލާހުގެ ބިލާއި ޖޭއެސްސީގެ ގާނޫނަށް ހުށަހަޅަންޖެހޭ އިސްލާހުތައް ހިމެނޭ ބިލް މަޖިލީހަށް ފޮނުވާފަ އެވެ.

ބިލްގައިވާ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލާއިރު ގެންނަ މައިގަނޑު ބަދަލަކީ އެ ކޮމިޝަންގައި މިހާރު ތިއްބެވި 10 މެންބަރުންގެ އަދަދު ހަތް މެންބަރުންނަށް މަދުކުރުމެވެ. ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނުމަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވެ އެވެ.

ޖޭއެސްސީ އަލުން އެކުލަވާލުމަށް ސަރުކާރުން ހުށަަހަޅާފައިވާ ހުށަހެޅުމާ ގުޅޭގޮތުން އަވަސް އިން ސުވާލުކުރުމުން މެންބަރު އުޝާމު ވިދާޅުވީ ޖޭއެސްސީ އަލުން އެކުލަވާލުމަށް ސަރުކާރުން ހުށަހަޅާފައިވާ ފޯމިއުލާއަކީ އެންމެ ރަނގަޅު ފޯމިއުލާ ނޫން ކަމަށެވެ.

ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތް ހެދި ނަމަވެސް ބަންޑާރަނައިބް ޖޭއެސްސީގައި އިންނަވާނަމަ އެ ކޮމިޝަން ސިޔާސީ ނުފޫޒުން މިނިވަން ވެދާނެތޯ އުޝާމު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ޖޭއެސްްސީ އަކީ ދެފުން ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއަސަސާއެކޭ ބުނަން ދަތިވާނެ އެތަނުގައި ބަންޑާރަނައިބް އަދިވެސް އިންނަވާނަމަ. ސިއާސީ ނުފޫޒުން މިންޖުވެއްޖެ ގަބޫލުކުރަންވެސް ދަތިވޭ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމެން އެންމެ ފަސް މަސް ދުވަހަށް ވެފައި ވަނިކޮށް އަދި ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާނުކޮށް ޖޭއެސްސީ އަލުން އެކުލަވާލުމަށް ދެ ބިލެއް މަޖިލީހަށް ހުށަހެޅުމުން އުޝާމު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ހާލަތުންނާއި ވެރިކަމުގައި ބާކީ އޮތް މަދު ދުވަސްކޮޅުގެ ސަބަބުން ހަރުދަނާ ރަނގަޅު ފޯމިއުލާއެއްގެ ތެރެއިން މިސަރުކާރަށް ޖޭއެސްސީ އަލުން އެކުލަވާލެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މިކަން މިހާރު ކުރަން މިއުޅެނީ ވައުދެއް ފުއްދީމޭ ބުނާ ގޮތަށް ނަމެއްގައި. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ގާނޫނުއަސާސީ އިސްލާހު ކޮށްގެން ޖޭއެސްސީ އަލުން އިސްލާހުކުރުމަށް އިދިކޮޅު ކޯލިޝަނުން އެކި ފަހަރުމަތިން ބިލްތައް ހުށަހެޅި. އެކަމަކު އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުން އޭރު ވަގުތު އޮއްވާ އެބިލްތައް ބޭރުކޮށްލީ،" އުޝާމު ވިދާޅުވި އެވެ.

އުޝާމު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަދިވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތުމާ ގުޅިގެން ގާނޫނުއަސާސީ އިސްލާހުކޮށްގެންވެސް ޖޭއެސްސީ އަލުން އެކުލަވާލެވިދާނެ ކަމަށެވެ. އެހެންނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކޮށް ނިންމާލުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު އެންމެ ރަނގަޅު ގޮތަށް ޖޭއެސްސީ އެކުލަވާލުމަށް އުޝާމު އެދިވަޑައިގެންނެވި އެވެ.