ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ ބިލްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓެއް މަޖިލީހަށް ފޮނުވައިފި އެެވެ.
ބަންޑާރަނައިބްގެ އޮފީހުން މިއަދު ބުނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް 14 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ބިލްތަކުގެ ނަންތައް ވެސް ބަންޑާރަނައިބް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލްތައް
- ހައްޖާއި އުމްރާގެ ބިލް
- ފޮރިން އިންވެސްޓްމަންޓްގެ ބިލް
- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
- ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލް
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
- ޒަކާތުގެ ބިލް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ފޮނުވަން ނިންމާފައިވާ ބިލްތަކުގެ ލިސްޓް ބަންޑާރަނައިބްގެ އޮފީހުން މިއަދު އާންމުކުރިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ޖޭއެސްސީ އަލުން އެކުލަވާލުމާ ގުޅޭ ބިލް ލިސްޓްގައި ނެތް ކަމެވެ. ނަމަވެސް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ފޮނުވަން ނިންމި ބިލްތަކުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ހިމެނި އެވެ. އެކަމަކު އެ ބިލް ނިމިގެން ދިޔަ ދައުރަށް ފޮނުވާފައެއް ނުވެ އެވެ.
ޖޭއެސްސީ އަލުން އެކުލަވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަމަކު ޖޭއެސްސީ އަލުން އެކުލަވާލެވޭނީ ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށްގެންނެވެ.
ވެެރިކަން ކުރާ އެމްޑީޕީގައި ކުރިން ތިބި 67 މެންބަރުންގެ ތެރެއިން 13 މެންބަރަކު އެ ޕާޓީން ވަކިވެފައިވާތީ މިހާރު ގާނޫނުއަސާސީ އިސްލާހުކުރެވޭނީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ތާއީދު ލިބިގެންނެވެ. މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުން އެއީ ކުރަން ފަސޭހަ ކަމަކަށް ވެދާނެ ކަމަކަށް ނުބެލެވެ އެވެ.